Wednesday, October 23, 2013

އަލަމާރިން ނެގި ޖުއްބާ




އާދުވަހަކަށް އިރު އަރާފިއެވެ. މީހުންތައް ހޭލަމޭލަ އަށް އުޅެމުން ދެއެވެ. ފަތިހު މަސްބާނަން ދިޔަމީހުންވެސް ހެނދުނު އިރު އެރިތަނާ ގޭގެއަށް އަންނަން ފަށައިފިއެވެ. އަހަރެން ވެސް ހެނދުނު ސައިބޮއެ ހަދާގެން ބޭރަށް ނުކުތީ ދޮން ކުރަމުން އަންނަ އިރުގެ ހޫނު ގަދަ ކަމުން ކުޑަކޮށް ފިނިކޮށްލާނަމޭ ހިތާއެވެ. ވަކި ހިސާބަކަށް ދެވުނު ތަނާ އަހަރެންގެ އެކުވެރިޔާ ފެނުނެވެ. ހިތަށްއެރިއެވެ. މީނާ ކައުނސިލް އިދާރާ ކާރީ މި ކުރަނީ ކިއެއްބާވައެވެ. އެހެން ހިތާ އެނާއާ ދިމާއަށް ހިނގައިގަތީމެވެ.


ރަހުމަތްތެރިޔާ އަށް ވެސް އަހަރެން ފެނުނީ ކަންނޭނގެއެވެ. އެނާވެސް އަހަންނާ ދިމާއަށް އަންނަނީއެވެ. ކައިރިއަށް އައުމުން އަހަރެން ސުވާލުކުރީމެވެ. "މިތާ ކިއެއްތިކުރަނީ !." " ކަމެއްނުކުރަން(ވަރަށް އުފާވެ ހުރެ ބުނެލިއެވެ)." "ނޫން !. ކޮންމެސް ކަމެއް ވެއްޖެ." "ހަމަ ހިނގާލަނީ މިއަދު ޚުތުބާ ކިޔަން ދާންވާއިރަށް!." "އެހެންދޯ!." ވާހަކައިގައި ތިބެގެން އަހަރެމެން ދެމީހުން ހިނގައިގަތީ ގެއާ ދިމާއަށެވެ. އޭރު ގަޑިން ދިހަ ގަޑި ބައި އެގާރަ ޖަހަނީއެވެ.

އަހަރެން ގެއަށް ލާފައި އޭނަވެސް ދިޔައީ ހުކުރަށް ދާން ފެންވަރާށޭ ކިޔާފައެވެ. އަހުރެން ވެސް އާދައިގެ މަތިން ފެންވަރައިގެން ރަހުމަތްތެރިޔާގެ ގެއަށް ދިޔައީ އޭނައާ ދެމީހުން ހުކުރަށް ދިޔުމަށްޓަކައެވެ. އަހަރެންގެ ރަހުމަތްތެރިޔާގެ ގެއަށް ދިޔައިރު އޭނާ އަދި ތައްޔާރުވަނީ އެވެ. އާދައިގެ މަތިން ޚުތުބާ ކިޔަން މީހުން ލާކަހަލަ ޖުއްބާ އެއް ލައިގެން ޚުތުބާ ލިޔެފައިވާ ގަނޑާއި ތާކިހާ އަތުން ހިފައިގެން ނިކުމެއްޖެއެވެ. އެއިރު ގަޑިން ބާރަ ގަޑި ވިހި ވަނީއެވެ. އަވަސް އަވަހަށް ދެމީހުން މިސްކިތައް މިސްރާބު ޖެހީމެވެ.

މަގުމަތިން ފެންނަހާ މީހަކު އަހރެމެންނާ ދިމާއަށް ބަލާފައި ހީލައެވެ. އަހަރެން ހީކުރީ އަހަންނާ ދިމާއަށް ބަލާފައި ހެނީ ކަމަށެވެ. އަދި ގަމީހަށާއި ފަޓުލޫނަށް ނުހަނު ރަނގަޅަށް ބަލައިލެވުނެވެ. ކަމެއް ފެންނާކަށް ނެތެވެ. އެކަމަކު ފެންނަހާ ބަޔަކު ހެނީ އެވެ. ވާނުވާ ނޭނގި ހުރެ މިސްކިތާ ދިމާއަށް ދިޔައީމެވެ. މިސްކިތު ހަރިއްމަ ތެރެއަށް ވަދެފީމެވެ. އެންމެން ހެނީ އެވެ.

އަދިވެސް ވެގެން އުޅޭގޮތެއް ނޭނގެއެވެ. ދެ ފަހަރުން އެއްފަހަރު ގަމީހަށާއި ފަޓުލޫނަށް ބަލައިލެވެއެވެ. ނަމަވެސް އެއްވެސް ކަމެއް ނުފެނެއެވެ. ކުޑަކޮށް ހުތް ވާގޮތް ވިއެވެ. ރަހުމަތްތެރިޔާ ޚުތުބާ ކިޔަން މިންބަރަށް އަރައިފިއެވެ. ޅަފުރާގެ ކުދިން އޭރުވެސް ގަޑަ ގަޑަ ލާފަ ހެނީއެވެ. ނަމަވެސް ދެވަން ފުރައިގެ މީހުންނާއި ހަރު މީހުން އެތެރެއިން ހޭކަން ފާހަގަ ކުރެވުނެވެ.

ކުއްލިއަކަށް އެއްލި ކަޅިއަކުން އަހަންނަށްވެސް ކަމެއް ފާހަގަ ކުރެވިއްގެއެވެ. ޕަކަ ޕަކަ ލާފަ ހޭން ނުފެށުނީ ކިރިޔާއެވެ. އަސްތާ ކަމަކުދާކަށް ނެތެވެ. ރަހުމަތްތެރިޔާ ލައިގެން ހުރީ މެދު އުމުރުގެ އަންހެނުން ލާ ކަހަލަ ހައުސް ކޯޓެކެވެ. އެވަރުންވެސް އޭނައަށް އެކަމެއް ނޭނގެއެވެ.

ހުކުރު ޚުތުބާ ނިންމާ ނަމާދު ކޮށްވެސް ނިންމާފިއެވެ. ހަމަ ކުޑަކުދިން ހޭވަރުން ހެނީއެވެ. އަހަންނަށް ވެސް ހެވެނީއެވެ. ނަމަވެސް ބާރަކަށް ނުހެމެވެ. މިސްކިތުން ފޭބީ ދެމީހުން އެއްކޮށެވެ. އަހަރެން ސުވާލު ކޮށްލީމެވެ. ރަހުމަތްތެރިޔާ ލައިގެން ތިހިރަ ޖުއްބާ ނެގީ ކޮންތާކުންހެއްޔެވެ؟ ޖަވާބު ކުރުވެފައި ފޮންޏެވެ. ބުނެލީ އެހެންޏާވެސް ނަގާތަނުންކަމަށެވެ. އަހަރެން އެހީމެވެ. "އެހެންނާ ނަގަނީ ކޮންތާކުން ހެއްޔެވެ؟ " "އަލަމާރިން" ރަހުމަތްތެރިޔާ އަވަހަށް ބުނެލިއެވެ. އަހަރެން ބުނީމެވެ. ލާގެން ތިހިރަ ޖުއްބާ ބަލައިލަބަލާށެވެ. އަސްތާ ކަމަކު ދާކައް ނެތެވެ. ލައިގެން ރަހުމަތްތެރިޔާއަށް ހުރެވުނީ އޭނާގެ މަންމަގެ ހައުސް ކޯޓެކެވެ. ގަތް ލަދުން ރަހުމަތްތެރިޔާ ގެއާ ދިމާއަށް ދުއްވާގަތެވެ

No comments:

Post a Comment